Thursday, October 27, 2011

United Suvadive Republic އެކުވެރި ސުވައިދީބު ޖުމްހޫރިއްޔާ

ހަވީރު އޮންލައިން، 25 އޯގަސްޓް 2011





ވަކި ދައުލަތެއްގެ ގޮތުގައި ދެކުނުގެ ތިން އަތޮޅު ގުޅިގެން އާ "ގައުމެއް" އުފެއްދިކަން ޖެނުއަރީ 1، 1959 ގައި އިއުލާންކުރުމަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ބޮޑު ބަޣާވާތެވެ. މި ބަޣާވާތުގެ ފަހަތުގައި އޭރުގެ ސަރުކާރުން ވިޔަފާރީގައި ގެންގުޅުނު ބައެއް ސިޔާސަތުތައް ހިމެނޭ ކަމަށް އެ އަތޮޅުތަކުގެ ބައެއް މީހުން ބުނި ކަމަށް ވިޔަސް، ބަޣާވާތެއް ވާނީ ގައުމަށް ވާ ޚިޔާނާތަކަށެވެ. އެނަޒަރުން ބަލާއިރު، އިނގިރޭސިން ފަހަތުގައި ތިބެގެން، ތިން އަތޮޅުން ކުރި ބަޣާވާތާ ދެކޮޅަށް ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުން ނުކުތެވެ. އަދި އެ ބަޣާވާތް ކޮންމެ ގޮތަކުން ނަމަވެސް ނިމުމަކަށް ގެނައުމުގެ ރުހުން، ރާއްޖާގައި އޭރު މީހުން އުޅުނު ހުރިހާ ރަށަކުން ބޮޑުވަޒީރު އިބްރާހިމް ނާސިރަށް، ވޯޓެއްގެ ސިފާގައި ދިނެވެ. 


ދެކުނު ބަޣާވާތުގައި ގދ. ތިނަދޫގެ ނަން މަޝްހޫރުވެފައި ވަނީ އައްޑު އަތޮޅު ނެގުމަށް ފަހު އެންމެ ހަރުކަށި އުސޫލުތަކެއް ގެންގުޅުނީ އެރަށު މީހުން ކަމަށް ވެފައި ދިވެހި ސިފައިންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒު ވީ ވެސް އެރަށަށް ކަމަށް ވާތީ އެވެ. އައްޑު އަތޮޅުގައި އިނގިރޭސި ސިފައިން ތިބުމާ އެކު ދިވެހި ސިފައިންނަށް އެ ހިސާބަށް ދެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން ނާސިރު މަސައްކަތްޕުޅު ކުރެއްވީ ފުވައްމުލަކާއި ތިނަދޫ ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނާށާއި އައްޑު އަތޮޅުގެ ބަޣާވާތް އިނގިރޭސިންނާ ވާހަކަ ދައްކަވައިގެން މައިތިރިކުރެއްވުމަށެވެ. 
މި ބަޣާވާތް ކޮޅެއްގައި ޖައްސަން ދިވެހި ސިފައިން ދެ ފަހަރެއްގެ މަތިން ތިނަދު އަށް ހަމަލާދީފައިވެ އެވެ. ފުރަތަމަ ފަހަރު ޖުލައި 17، 1959 ގައި ތިނަދޫގެ ބަޣާވާތް ނިމުމަކަށް ގެނެސް ސިފައިންގެ ބަޔަކު އެރަށުގައި ބޭތިއްބި އެވެ. އެކަމަކު އެ ސިފައިންނަށް ހަމަލާދީ އެމީހުން އައްޑު އަށް ގެންގޮސް ތިނަދޫ އަލުން 1961 ގައި ބަޣާވާތުގެ ތެރެއަށް ވަނެވެ. އަދި ޖެނުއަރީ ،31 1962 ގައި ދިވެހި ސިފައިން އެރަށަށް އަލުން އަރައި، ދައުލަތުގެ ދަށަށް ރަށް ގެނެސް ފެބްރުއަރީ 4، 1962 ގައި ތިނަދޫ ފަޅުކުރީ، ތާރީޚުން އެނގޭ ގޮތުގައި، އެނުކިޔަމަންތެރިކަމުގެ އަދަބެއްގެ ގޮތުންނެވެ.


ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް އަދި ބަޣާވާތުގައި ބައިވެރިނުވާ މީހަކަށް ބެލުމެއް ނެތެވެ. މުޅި ރަށުގެ ރައްޔިތުންނަށް ސަރުކާރުން އަދަބު ދިނީ، ތިނަދޫން ބަޣާވާތްކުރި މީހުންގެ އަމަލްތައް ވެސް ހައްދުފަހަނައަޅާފައި ހުރެގެން ކަމަށް ތާރީޚީ ބައެއް ލިއުންތަކުން އެނގެ އެވެ. އެގޮތުން ގދ. ގައްދޫ ކަހަލަ ރަށްރަށުގައި ތިނަދޫ ބައެއް މީހުން ހިންގި ލާއިންސާނީ އަމަލްތައް ތާރީޚުގައި ވަނީ ލިއެފަ އެވެ. އަންހެނުންގެ އިއްފަތްތެރިކަމަށް އަރައިގަތުމާއި އަނިޔާކުރުމާއި އޮޑިދޯނިފަހަރާއި ގެދޮރުގައި ރޯކުރުން ފަދަ އެތައް އަމަލެއް، ގައްދޫ ބަލަހައްޓަން ތިބި ތިނަދޫ "ސިފައިން" ހިންގާފައިވެ އެވެ. 


އޭރުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ އެހެން ރައްޔިތުން ތިބީ ކޮންމެ ގޮތަކުން ނަމަވެސް ދެކުނުގެ ބަޣާވާތް ކޮޅެއްގައި ޖައްސަން ތައްޔާރުވެގެންނެވެ. ބޮޑުވަޒީރު ވެސް ވަޑައިގަންނަވާ ދަތުރުފުޅުގައި ދިވެހި ގައުމަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބި މީހުން ނަން ނޯޓުކުރަން މާލޭގެ މައިޒާންތަކުގައި ހަރުކުރި އިއުލާނަށް ދިން އިޖާބައިން، އެހެން ދިވެހިންގެ ލޭކެކިފައި ހުރި މިންވަރު އެނގެ އެވެ. އެއީ މިއަދު، އޭގެ 52 އަހަރު ފަހުގެ ޖީލަށް އިހުސާސްކުރެވޭ ވަރަށް ވުރެ ބޮޑެތި، އާދަޔާޚިލާފު ހާލަތެކެވެ. 
ދިވެހި ލަޝްކަރު 1959 ގައި ތިނަދު އަށް ގޮސް ރައްޔިތުންގެ ތެރެއަށް ބަޑިޖަހާ ސުންނާފަތިކުރީކީ ނޫނެވެ. ދައުލަތަށް އަމާންދީފައި ކިޔަމަންތެރިވުމަށް އެތައް ފަހަރަކު، ސީދާ ބޮޑުވަޒީރު އޮޑިކޮޅުގައި ހުންނަވައިގެން، އެދިވަޑައިގަތެވެ. ބަޑިޖަހާ ހިސާބަށް ކަންތައް ބަދަލުވީ އެފަދަ އެއްވެސް ކަމަކުން ނަތީޖާ ނުނިކުތުމުންނެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކޮޅުވެރިކަމާ އެކު އަތިރިމައްޗަށް އެއްވެފައި ތިއްބާ އެ އެންމެންގެ ތެރެއަށް ބަލައިނުލާ ބަޑި ޖެހި ނަމަ މަރުވާނީ އެކެއް ދެ މީހެއް ނޫން ކަމަށް، އެ ދަތުރުގައި ބައިވެރިވި ބައެއް މީހުން ބުނެ އެވެ. އޭރުގެ ނޫސް "ވިޔަފާރި މިއަދު" ގެ ސަފުހާތަކަށް ނަޒަރު ހިންގާލާ އިރު، ބޮޑުވަޒީރު ކަންތައް ކުރެއްވީ ވަރަށް ކެތްތެރިކަމާ އެކުގައިކަން އެނގެ އެވެ.





އެފަހަރު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ތިނަދޫ ގެންނަވާފައި ރަށުގައި ސިފައިންގެ ބަޔަކު ބޭތިއްބި އެވެ. އެކަމަކު ދެ ވަނަ ފަހަރަށް ވެސް ތިނަދޫ ބަޣާވާތުގައި ބައިވެރިވި އެވެ. ދިވެހި ސިފައިންނަށް ބޮޑެތި އަނިޔާތަކެއް ކުރި އެވެ. އޭގެ ފަހަތުން އަތުވެދާނެ ހަމަލާއަކަށް ބަޣީންނެއް ނުވިސްނަ އެވެ. ބޮޑުވަޒީރު ނާސިރު ދެން ތިނަދު އަށް ވަޑައިގަތީ "ދޭތިން އެކައްޗަށެ"ވެ. ކުށެއް ނެތް އެތައް ބަޔަކަށް އަމިއްލަ ފަސްގަނޑު ދޫކޮށް، ޖެހުނު ތާކަށް ދާން މަޖުބޫރުވީ ތިނަދޫގައި އުފެދުނު ބާޣީންގެ ސަބަބުންނެވެ. އެމީހުންގެ އަނިޔާވެރިކަން ވެސް ބޮޑުވެގެންކަން ތާރީޚީ ލިއުންތަކުން އެނގެ އެވެ. 


ގައްދޫ ކަހަލަ ރަށްރަށުގެ މީހުން ތިނަދޫ ބާޣީން ދެކެ ރުޅިއަންނަނީ އެރަށުގައި ހިންގި އަނިޔާވެރިކަމާ ހެދި އެވެ. އޭރުގެ އެ އަނިޔާވެރިކަން ތަޖުރިބާކުރި މީހުން މިހާރުގެ ޖީލަށް އެ މައުލޫމާތުތައް، ތިނަދޫގައި ވޭން ތަހައްމަލްކުރި މީހުން އެމީހުންގެ ދަރިންނަށް އެ ހިތި ތަޖުރިބާ ކިޔައިދޭ ގޮތަށް، ފޯރުކޮށްދީފައިވެ އެވެ. އެހެންކަމުން ދެކުނު ބަޣާވާތުގައި ތިނަދޫ "ސިފައިން"ގެ އަމަލްތައް ހުރި ގޮތް ގައްދޫގެ މިހާރުގެ ޒުވާނުންނަށް ވެސް އެނގެ އެވެ. 


ގައްދޫގައި ތިބި ތިނަދޫ "ސިފައިން" ގައްދޫ އަންހެންކުދިންގެ އިއްފަތްތެރިކަން ނަގާލާފައިވާ ކަމަށް ބައެއް ލިއުންތަކުން ފެނެ އެވެ. ބައެއް ގޭގެއިން "ކާޑު ހުސްވުމުގެ ސަބަބުން ކާނެ އެއްޗެއް ނެތިގެން ކުޑަކުދިންނާއި މުސްކުޅިން އަދި ޒުވާނުން ވަރުދެރަވުމުގެ ސަބަބުން ކާނެ އެތިކޮޅަކަށް އެދި އާދޭސްކުރަން ޖެހެނީ 'ސިފައިން' ނަށެވެ. އެތަކެއް އާދޭސްކުރުމަށް ފަހު ވެސް ކާ އެއްޗެއް ލިބެނީ އެގޭގޭގެ އަންހެން ކުދިންގެ އަބުރު އެމީހުންގެ ކުރިމަތީގައި މަޖުބޫރުން ނަގާލައިގެންނެވެ،" ޖުލައި ،25 1959 ގެ ވިޔަފާރި މިއަދުގައި ލިއެފައިވެ އެވެ. 
އެތައް ހާސް އަހަރެއް ވަންދެން އެއް ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެ ބައިވެގެން ދާތަން ބަލަން އެންމެ ދެކުނު ތިން އަތޮޅު ނޫން އެހެން ހުރިހާ އަތޮޅެއްގެ ރައްޔިތުން ތިބީ ފިނި ނިޔަތެއްގައެއް ނޫނެވެ. ތިނަދޫ މީހުން ބުނާ ގޮތުން އައްޑު އަތޮޅާ ގުޅެން ނިންމީ ދިވެހި ސަރުކާރުން ތިނަދޫ ވިޔަފާރިވެރިންނަށް އަޅަން ފެށި ހުރަސްތަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ބޭރު ދަތުރުކުރާ ބޯޓުފަހަރު ސީދާ ތިނަދު އަށް ދިއުމުގެ ބަދަލުގައި މާލޭގައި ބަނދަރުކުރަން ޖެހޭނެ ކަމަށް ސަރުކާރުން ނިންމުމާއި ގެންނަ މުދަލަށް ޓެކްސް ނަގަން ކަނޑައެޅުން ހިމެނެ އެވެ. އެކަމަކު މިއީ ގައުމު ބައިވެގެން ދާން ޖެހޭނެ އުޒުރެއް ކަމަކަށް ރާއްޖޭގެ އެހެން އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރި އެވެ. އެހެންކަމުން ދެކުނު ބަޣާވާތަކީ ދިވެހިންގެ ލެއާ ވަރަށް ބޮޑަށް ކުޅެލި، އޭރުގެ ވަރަށް ހިތްދަތި ތަޖުރިބާއެކެވެ. 
މާޒީގެ ހާދިސާތަކަށް މިއަދު ބަލަން ޖެހެނީ އެންމެ ނަޒަރަކުންނެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް ހުޅުވިފައިވާ ލޮލަކުން ތާރީޚީ ހަގީގަތްތައް ދެނެގަނެވެން ޖެހޭނެ އެވެ. ދެކުނު ބަޣާވާތާ ގުޅިފައިވާ ހަމައެކަނި ހަނދާނަކީ ތިނަދޫގެ ކުށެއް ނެތް ރައްޔިތުންނަށް ލިބުނު އަނިޔާކަމަށް ވެގެންނުވާނެ އެވެ. އެއީ މުޅި މަންޒަރުގެ އެއް ބަ އެވެ. އަނެއް ބަޔަކީ ތިން އަތޮޅު ފިޔަވައި މުޅި ރާއްޖޭގެ ރައްޔިތުންނަށް ކުރަން ޖެހުނު އިހުސާސްތަކެވެ. މުޅި ގައުމުގެ ދެމިއޮތުމަށްޓަކައި ބޮޑުވަޒީރު ނާސިރު ގެންގުޅުއްވި ސިޔާސަތެވެ. 
ތާރީޚުން ފިލާވަޅުތަކެއް އެބަ ލިބެ އެވެ. އެކަމަކު އަޅުގަނޑުމެން، ގައުމެއްގެ ގޮތުގައި، ހަމައެކަނި އޭގެ އެއް ސަފުހާއަށް ބަލައިގެން ކަންތައް ކުރަން ފަށައިފި ނަމަ އެހެން ސަފުހާތަކުން ފެންނަ ގައުމީވަންތަކަށް ހަނދާނުން ފޮހެވިދާނެ އެވެ. އަދި ހަމައެކަނި އެންމެ ބައެއްގެ ހައްގުތައް ގެއްލިފައިވާ ކަމަށް ދެކެވޭ ނަމަ، މުޅި ގައުމުގެ ހާލަތަށް ބަލަން ޖެހޭ ލޯތައް މެރި، ގައުމީ ބޮޑު މައްސަލައެއްގެ ނާޒުކުކަމާ މެދު ފަރުވާކުޑަކޮށްލެވުނީ އެވެ. 



އިތުރު ތަފްސީލް: ވިކިޕީޑިއާ އިން 

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More